ދިވެހި ފިރިހެނަކު ހައްދާލައިގެން ކޮޓަރިއަކަށް ގެންގޮސް ފޭރުނު މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފިވެހި ފުލުހުންގެ ހިދުމަތުން ބުނީ މިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، ކުންނާރުގެ، އާއިޝަތު މަލްޖާ މޫސާ ދީދީ 27، ކަމަށެވެ.
މި ހާދިސާ ހިނގައިފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެގޮތުން އެ ރޭ 9:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނެއް ހުއްޓުވައި އޭނާއަށް ކޮޓަރިއަށް ދިޔުމަށް ދައުވަތު ދިންކަމަށް ފުލުހުން ބުންޏެވެ.
ދައުވަތާއެކު، އެ ފިރިހެން މީހާ މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓު ހައުސްއަކަށް ދިޔަކަމަށް ފުލުހުން ބުންޏެވެ.
އެތަނަށް ދިޔުމުން އިތުރު ފިރިހެނެއް ވެގެން އެ މީހާ ރަހީނުކޮށް އޭނާގެ ފޯނާއި، ކޭޝްކާޑު ވަނީ އަތުލައިފައެވެ.
އެ ފިރިހެންމީހާގެ އެކައުންޓުން 53،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ އަންހެން މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

