ބާރު ދުވެލީގައި ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، ލައިސެންސްއާ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ އިތުރަށް، ނުރައްކާތެރި އެކްސިޑެންޓުތައް މަދު ކުރުމަށް މުހިންމު، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް މުއިއްޒު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ފިޔަވަޅުތައް ހިއްސާ ކުރައްވައި، ކަމާބެހޭ ފަރާތްތަކުން އެކަންކަން ތަންފީޒު ކުރަމުންދޭތޯ މޮނިޓަރ ކުރެވޭނެކަން ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް ޢާއްމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި އަށް ފިޔަވަޅެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ އަންގައިފަައި ކަމަށެވެ.
އެކްސިޑެންޓުތައް މަދު ކުރުމަށް ރައީީސް އަޅުއްވަން ނިންމެވި ފިޔަވަޅުތައް؛
1.މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
2.ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.
3.ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
4.ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
5.އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
6.ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
7.ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.
8.މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.
ރައީސްގެ މި ނިންމެވުމަށް ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ތައުރީފު ކުރަމުންނެވެ. އެމަނިކުފާނު މިފަދަ ކަންކަން ތަންފީޒު ކުރައްވަން އެންގެވިއިރު، ރޭ ހުޅުމާލެ ސެންޓްރަލް ޕާކު ކައިރީގައި ސްޕޯޓްްސް ކާރަކާއި ސައިކަލެއް ޖެހި ހިނގާދިޔަ އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ ނިޔާވެފައެވެ.
(ތަފްސީލު އަންނަނީ….)

