ހުޅުމާލޭގައި ބާރަށް ދުއްވި ސްޕޯޓްސް ކާރެއްގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ޒުވާނަކު ނިޔާވެފައިވަނިކޮށް، ހުޅުމާލޭގައި ރޭސިން އާއި ޑްރިފްޓިން ވަގުތުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
އެމަނިކުފާނު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދު ކޮންޓްރޯލް ކުރުމާއި، އުޅަނދަށް ބަދަލުގެނެސްގެން ނުވަތަ އުޅަނދުގެ ބާވަތުން ދުއްވާއިރު އަޑުގަދަ އުޅަނދުތައް ބޭނުންކުރުން ކޮންޓްރޯލްކޮށް އާއްމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތައް ރައްކާތެރިކުރުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ވާނީ އަންގަވައިފަައި ކަމަށެވެ.
މި ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން ރޭސިން އަދި ޑްރިފްޓިންއަށް ހުޅުމާލޭ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލް ކުރުމަށާއި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސް އާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ވެސް ރައީސް ވަނީ އަންގަވާފައެވެ.
މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއިއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކައި ބާރު ސްޕީޑްގައި ވެހިކަލް ދުއްވާ ފަރާތްތަކާއިމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރުމަށް ވެސް ރައީސް މުއިއްޒު ވަނީ އަންގަވާފައެވެ.
ހުޅުމާލޭ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ފުލުހުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުމަށާއި އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތައް ހުޅުމާލޭގެ 150 ސަރަހައްދުގައި ސްޕީޑްބްރޭކަރ ހަރުކުރުމަށާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

