އެކްސިޑެންޓުތައް މަދު ކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން އަންގަވާފައިވާއިރު، އެ ކަންކަން ދިވެހި ފުލުހުން ފުރިހަމައަށް ތަންފީޒު ކުރައްވާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްވައިފިއެވެ.
ބާރު ދުވެލީގައި ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، ލައިސެންސްއާ އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ އިތުރަށް، ނުރައްކާތެރި އެކްސިޑެންޓުތައް މަދު ކުރުމަށް މުހިންމު، ހަރުކަށި ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އަންގަވައިފައެވެ.
ރައީީސް އަޅުއްވަން ނިންމެވި ފިޔަވަޅުތައް؛
1.މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
2.ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރ 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.
3.ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސްއާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
4.ވަކި ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
5.އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
6.ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރ ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިންގ ކެމެރާ ހަރުކުރުން.
7.ގްރެޖުއޭޓިންގ ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސްއިން ޕޮއިންޓް ކަނޑަން ފެށުން.
8.މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާާން ވިދާޅުވީ ”ރައީސުލްޖުމްހޫރިއްޔާގެ މިއެންގެވުންތައް ދިވެހި ފުލުހުން ފުރިހަމަޔަށް ތަންފީޒުކުރައްވާނެ“ ކަމަށެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒުވަނަކު ނިޔާވުމާއި ގުޅިގެން ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ.

