ގައުމުގެ މުސްތަގްބަލަށްޓަކައި ދަރީންނަށް ގައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ގައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މާއުނގޫދޫ ސުކޫލް ހޯލުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ދިވެހި ދަރިންނަށް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ދަސްކޮށްދޭން ޖެހޭކަމަށެވެ.
އަދި ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަހުރުވެރިކަމެއްކަން ވިސްނައިދިނުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ހަމައެއާއެކު ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުހާތަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުން އިބުރަތް ހާސިލްކޮށް އެގޮތުގައި ކުރިއަށްދިއުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ ”ޕްރޯ މޯލްޑިވްސް“ ސިޔާސަތު ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ.
އަދި ރައީސްގެ ގައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގްގެ ވަބާއިން ގައުމު ސަލާމަތްކުރެއްވުންކަމަށާއި، ގޭންގް ކުށްތަކާ ގާނޫނު މުގުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުންވެސް ގްއުމުގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ޞިނާޢަތްތައް ތަޢާރަފްކުރައްވައި، އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ނައިބު ރައީީސް ވަނީ ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތައްވެސް ފާހަގަކުރައްވާފައެވެ.
”ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ޤައުމީ ޚިދުމަތުގައި. ޖިހާދުކުރެއްވުމުގައި. ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގައި. ދިވެހި ޤައުމުގެ މުސްތަޤިއްލުކަން ވަރުގަދަކޮށް އެތައް ހާސް އަހަރަކަށް ދެމިއޮންނާނެ ބިންގާތައް މި ޤައުމުގައި އެޅުއްވުމުގައި. މިއީ ޤައުމީ ދުވަހު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާ ޢަމަލުކުރަންވީ ގޮތް.“ ނައިބު ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ށ. އަތޮޅުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކޮމިޓީތަކަށްދޭ ”މާރެސް“ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

