މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އުސޫލާ އެއްގޮތަށް ނައްތާލާފައިވާ އުޅަނދުތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

އެ ވީޑިއޯގައި ފެންނަނީ މާލޭގެ މޭރީބްރައުންގެ އުތުރުން އޮންނަ ހުސް ބިމުގައި ހަދާފައިވާ ޓޯޔާޑުގައި ފުލުހުން ސައިކަލުތަކެއް ނައްތާލުމަށް ޕިކަޕެއްގައި ގެންގޮސް އެ ސައިކަލްތައް އުކާލާ މަންޒަރެވެ.

ވީޑިއޯ އާންމުވުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ފުލުހުން  ބުނީ ވީޑިއޯގައި ފެންނަނީ އުޅަނދުތައް ނައްތާލުމަށް އޮންނަ އުސޫލުގެ ތެރެއިން ނައްތާލާފައިވާ އުޅަނދުތަކެއް ކަމަށެވެ.

އެގޮތުން ދެ ފުރޮޅުލީ 247 އުޅަނދާއި 223 ބައިސްކަލާއި ހަތަރު ފުރޮޅުލީ 29 އުޅަނދާއި އެއް އެމްބިއުލާންސް ފުލުހުން ނައްތާލާފައިވެއެވެ. 

ފުލުހުން ބުނީ އިއްޔެ ނައްތާލި އުޅަނދުތަކަކީ މާލެ އާއި ހުޅުމާލެ އިން އެކި ދުވަސްތަކުގައި ޓޯކޮށްފައިވާ އުޅަނދުތަކެއް ކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލޭ ގޮތަށް އަދި މުޖުތަމައުގެ އެއްބައިވަންތަކަން ގެއްލޭ ގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.