ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގުކުރައްވައިފިއެވެ.
މި ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ބިނާވެށި ޕްލޭންކޮށް ހިންގުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި ހުށަހަޅާ ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ބިލާ ގުޅިގެން ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި ބިލުގެ މަގްސަދަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރަށު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުން އެކުލަވައިލަންޖެހޭ ލޭންޑް ޔޫސް ޕްލޭން، ބިނާވެށި ޕްލޭންކޮށް ހިންގުމުގެ ގާނޫނުގެ ދަށުން އެކުލަވާލައި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭންގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފައިވާތީ، އެ ފަދައިން އެ ބަދަލުތައް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައުމެވެ.
މި ބިލުގައި، ރަށެއްގެ ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭނާއި، ކައުންސިލުން ހަދައި ކަމާގުޅުންހުރި ގައުމީ އިދާރާއިން ފާސްކުރާ އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އޮތްއޮތުން އުނިކޮށް، ތަރައްގީގެ ޕްލޭން އޮންނަންވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީންކަމުގައި ބަޔާންކޮށް ގާނޫނު އިސްލާހުކޮށްފައިވެއެވެ.
މި ބިލުގައި ”ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން“ މާނަކޮށްފައިވަނީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށަކަށް، އެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވައިލާ ”އައިލެންޑް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން“ އަށް ނުވަތަ ރާއްޖޭގައި ސިޓީއެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށަކަށް ނުވަތަ ސަރަހައްދަކަށް، އެ ރަށެއް ނުވަތަ ސަރަހައްދެއް ނިސްބަތްވާ ސިޓީ ކައުންސިލުން އެކުލަވައިލާ ”ސިޓީ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން“ އަށެވެ.
މި ގާނޫނަށް ޢަމަލުކުރަން ފަށާނީ، ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެންނެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ވާ ތާރީހުގައެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާނީ، ބިނާވެށި ޕްލޭންކުރުމާ ހިންގުމުގެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެންނެވެ.
އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެން ހަ މަސް ވާ ތާރީހުގައެވެ.