މޯލްޑިވްސް އިމިގްރޭޝަންގެ ޔުނީފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެން ބޭރުގެ ނަންބަރަކުން ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް އެ އިދާރާއިން އެދިއްޖެއެވެ.
އިމިގްރޭޝަނުން މީސްމީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރުން ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރަމުންދާ ކަމަށެވެ.
މި ކޯލުތަކުގައި އިމިގްރޭޝަން ޔުނިފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު އާންމުންނަށް ގުޅަމުންދާކަމަށް އެ އިދާރާއިން ބުންޏެވެ.
އަދި މި ކޯލުތަކުގައި އާންމުންގެ ޒާތީ މަޢުލޫމާތާއި ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އަދި މިފަދަ ސްކޭމް ކޯލުތަކަށް ސަމާލުވުމަށްވެސް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.