އާއިލީ ގުޅުން ބަދަހިކުރުމާއެކު، މާމަ ކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީގައި ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މާމަ ކާފަ ކުދިންނާއެކު އާޓް ކްލާހެއް ކުރިއަށް ގެންގޮސްފިއެވެ.
މިއީ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވުނު ވަރަށް ތަފާތު ހަރަކާތެއްގެ ގޮތުގައި ބައިވެރިން ފާހަގަކުރާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެއެވެ.
މި ކްލާހުގައި އިސްރަށްވެހިން ވަނީ އެ ފަރާތްތަކުގެ މާމަ އަދި ކާފަ ދަރިން ވެސް ބައިވެރިކޮށްފައެވެ. އަދި ކުދިންނާއެކު ކުރެހުމުގައި މަޖާ ވަގުތުޅެއް ހޭދަކޮށްލެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ހަރަކާތުގައި ބައިވެރިވި އިސްރަށްވެހިން ވަނީ ފާހަގަކޮށްފައެވެ.
މި ހަރަކާތުގައި ބައިވެރިވި ކުދިން ކިޔައިދިން ގޮތުގައި އިސްރަށްވެހިންގެ ނާދީ ފަދަ ތަފާތު މާހައުލެއްގައި އެކުދިންގެ މާމައިންނާއި ކާފައިންނާއެކު ކުރެހުމުގެ ކްލާހެއްގައި ބައިވެރިވެ ކުރެހުމުގެ ތެރެއިން އެކުދިންގެ ޝުއޫރުތައް ފާޅުކޮށްލަން ފުރުސަތު ލިބިގެން ދިއުމަކީ ވަރަށް އުފާކުރާ ކަމެކެވެ.
މިއީ ތަފާތު ތަޖުރިބާއެއް ކަމަށާއި، މި ހަރަކާތުގެ ތެރެއިން އެ ކުދިންގެ މާމަ، ކާފަމެންނާއެކު ހިތްހަމަ ޖެހޭ މަޖާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުނުކަން ކުދިން ފާހަގަކޮށްފައި ވެއެވެ.
އަދި ހަމަ އެއާއެކު މުސްތަގުބަލުގައި ވެސް ގޭތެރޭގައި ވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެކަން ދަސްވެގެން ދިޔަކަން ވެސް ކުދިން ވަނީ ފާހަގަކޮށްފައެވެ.
އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވޭ މިފަދަ ހަރަކާތްތަކުގެ ތެރެއިން އާއިލީ ގުޅުންތައް ހަރުދަނާވުމުގެ ފުރުސަތު ފަހިވެގެން ދިއުމުގެ އިތުރުން އިޖުތިމާއީ ގުޅުން ބަދަހިވެ، އިސްރަށްވެހިންގެ އެކި ހުނަރުތައް ދެނެގަތުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާ ކަމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެއެވެ.