ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާ އިން ރާއްޖެއާއި ގަތަރާ ދެމެދު ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވަވައިފިއެވެ.
މި މަޝްވަރާ ކުރިއަށް ގެންދެވީ ގަތަރުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ ޖާސިމް ބިން ޖާބިރު ޖޭ.ބީ. އަލް-ސުރޫރް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސްގެ އޮފީހާހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ގަތަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސް ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާފައެވެ.
އެއަށްފަހު އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ގަތަރުގެ ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ގަތަރުގެ ސަފީރު ހުންނެވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގައެވެ.

