ހ. ދޫހިމެރިގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި 57 މީހަކު ހާލުގައި ޖެހުނުކަމަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

ހާލުގައި ޖެހުނު މީހުންގެ ތެރޭގައި 37 ދިވެހިންނާއި 20 ބިދޭސީން ހިމެނޭކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެންޑީއެމްއޭ އިން ވަނީ ހާލުގައި ޖެހުނު މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެ ހާދިސާގައި އަލިފާން ރޯވީ ދޫހިމެރިގޭގައި، ގާމަގު ކެފޭގެ ނަމުގައި ހިންގަމުން އައި ކެފޭއެއްގައެވެ. އެތަނުގައި އަލިފާނުގެ ހާދިސާ ހިނގައިދިޔައިރު، އެތަނުގެ މަތީގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެއެވެ.

އިއްޔެގެ ހާދިސާގައި ދިވެހި އަންހެނަކާއި ބިދޭސީ އަންހެނަކަށް ވަނީ އޭޑީކޭއަށް ގެންގޮސް ފަރުވާދީފައެވެ. އެ ދެމީހުން ވެސް ވަނީ ފަރުވާއަށްފަހު މިހާރު ދޫކޮށްލާފައެވެ.