ދިވެހިރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ކެއިންބުއިމާއި ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
ޝަމްއާން މިގޮތަށް ވިދާޅުވެފައި ވަނީ ރޭގެ ވަގުތެއްގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުންކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އާންމު ސިއްހަތުގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ނުރައްކާވާފަދަ ގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ކެއިންބުއިމާއި، ނިދުމުގެ ކަންކަން ހަމަޖައްސައިދޭ ފަރާތްތަކާއިމެދު ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނުތައް ހެދިފައިވަނީ އެކަކު ނުވަތަ ދެމީހެއްގެ މަސްލަހަތަށް ނޫން ކަމަށެވެ.
އަދި އާއްމު އެންމެހާ ފަރުދުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ ހެދިފައިވާ ގާނޫނުތައް ތަންފީޒުކުރުމުން ހިތްހަމަ ނުޖެހޭ ބަޔަކު އުޅެދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިން ގާނޫނު ތަންފީޒު ނުކޮށް އޮތުމަކީ މިއަދު ހަމަ އެގޮތަށް އޮންނަން ޖެހޭނެ ހުއްޖަތެއް ނޫންކަން ކަމަށާ އެންމެންގެ ރައްކާތެރިކަމަށްޓަކައި އިމިގްރޭޝަނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 3000 ބިދޭސީން ވަނީ ޑީޕޯޓް ކޮށްލައިފައެވެ.

