ރައީސް ޑރ.މުހައްމަދު މުއިއްޒު އަވަށްޓެރި އިންޑިއާއަށް ދަތުރުފުޅު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސް މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމެޖެހިފައިވާ ކަމަށެވެ.
އަދި މި ދަތުރުފުޅު ކުރެއްވުމަށް ރާއްޖެއާއި އިންޑިއާ ދެމެދު މިވަގުތު އެންމެ ރަނގަޅު ތާރީހަކީ ކޮބައިތޯ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
”ދައުލަތުގެ އެންމެ އިސްވެރިން އެގޮތަށް ކުރައްވާ ދަތުރުފުޅުތައް ކުރައްވަމުން ގެންދަވަނީ ދެ ގައުމަށްވެސް އެންމެ އިސްވެރިންނަށް އެންމެ ފަސޭހަ ވަގުތުފުޅުތަކުގައި،“. ހީނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މިދިޔަ ޖޫން މަހު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

