ސައިކަލަކަށް ހަތަރު މީހުން އަރުވައިގެން، ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދިޔަ މީހަކު އ.އ އުކުޅަހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ހަވީރު އއ. އުކުޅަސް ބަނދަރު ސަރަހައްދުން ސައިކަލެއްގައި 4 މީހުން އަރުވައިގެން ބާރު ސްޕިޑުގައި ނުރައްކާތެރިކޮށް ދުއްވާފައި ދަނިކޮށް މަޑުކުރަން ފުލުހުން އެންގުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ހަޑިހުތުރު ބަހުން ހަޅޭއްލަވައި އަޑުގަދަކޮށް އެ ސަރަހައްދުގެ އާންމު މަސްލަހަތު ނަގާލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސައިކަލު މަޑުނުކޮށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ މައްސަލައާ ގުޅިގެން، އއ. އުކުޅަސް / ޑޭޒީމާގެ، އަޙްމަދު ނަސީމު އިއްޔެ ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަނދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

