ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިއްޔެ ހުޅުވި ޕްރައިމަރީ ސްކޫލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަމިއްލަފުޅު ހިޔާލެއް ކަމަށާއި، އެކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމުގައި، ތައުލީމާ ބެހޭ ވަޒީރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

Ads by Asuru

އިއްޔެ ކާމިލު ދީދީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތަށްފަހުގައި، މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ސްކޫލަކީ ވަގުތީ ސްކޫލެއް ކަމަށާއި، ރައީސް ސޯލިހު ބޭނުންފުޅުވެލެއްވީ، ވީހާވެސް ފަސޭހައިން، ޅަދަރިން ގެންގުޅޭ މައިންބަފައިންނަށް ދަރިން ސްކޫލަށް ގެންދެވޭނެ މަގެއް ހޯދައިދެއްވުން ކަމަށެވެ.

”މިކޮޅަށް ބަދަލުވީމަ، މާލެއަށް ދަރިން ގެންދަންވީމަ، ހާއްސަކޮށް ކުޑަކުދިން ދުރުގަ ހުންނަ ސްކޫލްތަކަށް ގެންދަންވީމަ، ވަރަށް ބޮޑު ދައްޗެއް އެއީ އެބޭފުޅުންނަށް ދިމާވާ. އެހެންވީމަ، ރައީސްގެ އިސްނެންގެވުމެއް މިއީ ހަގީގަތުގައި.“ މިނިސްޓަރު ވިދާޅުވިއެވެ.

ސައުވީސް ކްލާސްރޫމް ހިމެނޭ ކާމިލު ދީދީ ސްކޫލްގައި ކިޔެވުން ފެށީ 824 ދަރިވަރުންނާއެކުގައެވެ. މި ސްކޫލުގައި ކިޔަވައިދެނީ ގްރޭޑް 6އާ ހަމައަށެވެ. ސްކޫލް އިމާރާތް ކުރުމުގައި ގިނައިން ޓިނު ބޭނުންކޮށްފައިވާއިރު، ކްލާސްރޫމްތަކުގައި އޭސީއެއްވެސް ނުހުރެއެވެ. މިކަމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.

ސަރުކާރުން ބުނީ، ފޭސް2ގައި އިތުރު ދެ ސްކޫލެއް އިމާރާތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.