މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީއަށް 75000 މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު، އިބްރާހީމް ފަލާހު ވިދާޅުވީ، އެ ޕާޓީގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ އަދަދު 75000 އަށް އިތުރު ކުރުން ކަމަށެވެ.
”އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ޕާޓީ ވެގެންދާނީ، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ދިވެހިރާއްޖޭގައި ވެސް އެންމެ ބޮޑު ޕާޓީއަށް.“ އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ޕީއެންސީގައި މިވަގުތު ވެސް 30،000 މެމްބަރުން ތިބިއިރު، ޕާޓީގެ މެމްބަރުންގެ އަދަދު 50،000އަށް އަރާ ވަރަށް މެމްބަރުންގެ ފޯމުތައް މިހާރު ވެސް ލިބިފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 2000އަށްވުރެ ގިނަ މެމްބަރުން ހޮވިގެންދާނެ ކަމަށާއި، އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
އަދި މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބަށް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

