ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ގުޅުވައި، ދޮގު ޚަބަރު ފެތުރި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅަން މަސައްކަތް ކުރައްވަމުންދާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ ”އަދަދު އޮންލައިން“ގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެއް ކަމަށެވެ.

”ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ.“ ހީނާ ލިޔުއްވައިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނިސްބަތްކޮށް ފާޅުގައި ދޮގު ޚަބަރު ފަތުރަމުންދާ ފަރާތްތަކާމެދު ސަމާލުވެ ވަޑައިގަތުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އަދަދު ނޫހުން ބުނީ މަޖިލިސް މެމްބަރުންނަށް މި މަހު ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ފައިސާ ދެއްވި ކަމަށެވެ. ނަމަވެސް މީގެ ކުރިން ވެސް ރައީސް އޮފީހުން މި ވާހަކަތައް ދޮގު ކުރައްވައިފައިވެއެވެ.