މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު، ނ.ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދަން ނިންމައި، ތަހުލީލަށް ފަހު އަނބުރާ އެ ރަށަށް ގެންގޮސްފިއެވެ.

ހޮޅުދޫގައި މަރުވެފައިއޮއްވާ ފެނުނީ އެ ރަށު މާރަނގަ/ ޒަކިއްޔާ މޫސާ (50 އ) އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވައި ފުރަތަމަ ފެނުނީ އޭނާ ދިރިއުޅޭ ގެއަށް ކުނި ނަގަން ދިޔަ ބިދޭސީއަކަށެވެ.

އޭނާ ފެނިފައި ވަނީ ދިރިއުޅޭ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއް ކައިރީގައި މަރުވެފައި އޮއްވައެވެ.

އޭނާ މަރުވެފައި އޮތް އިރު ގައިގައި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާއި އަދި ކައިރީގައި މަސްކަނޑާ ވަޅިއެއްވެސް އޮތް ކަމަށް މައުލޫމާތު ލިބެއެވެ.

ޒަކިއްޔާ އަކީ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއް ކަމުގައިވުމާއެކު، އޭނާ މަރުވީ އަމިއްލައަށް ކަމެއް ނުވަތަ މީހަކު އޭނާ މަރައިލީ ކަމެއް ސާފެއް ނޫނެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.