ރޭ މާލޭގައި ފުލުހުންގެ އަމުރާ ޚިލާފަށް މީހަކު ދުއްވަމުން ދިޔަ ސައިކަލަކުން ފުލުހެއްގެ ގައިގައި ޖެއްސި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ، އާދަމް ޒިދާން (23އ)އެވެ.
ފުލުހުން ބުނީ ރޭ އޭނާ 1:20ހާއިރު ރަސްފަންނު ކައިރިން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުން ފުލުހުންގެ ޗެކްޕޮއިންޓްއިން އޭނާ މަޑުކުރަން އިޝާރާތް ކުރި ކަމަށެވެ.
ނަމަވެސް އޭނާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސައިކަލު މަޑުނުކޮށް ދާން އުޅުނު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފުލުހުންގެ އަމުރާ ހިލާފަށް ޒިދާން ސައިކަލުން ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެހުނު ކަމަށާއި ނަމަވެސް ފުލުސް މީހާއަށް އަނިޔާއެއް ނުވާކަމަށެވެ.
އެ މައްސަލައިގައި ޒިދާންގެ ސައިކަލު ވަނީ ޓޯކޮށްފައެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

