ހާފިޒުން އުމްރާއަށް ފޮނުވުމަށް ފައްޓަވާފައިވާ ބޮޑު މަޝްރޫއުގެ ދަށުން އިތުރު ހާފިޒަކަށް ފުރުސަތު ދެއްވައިފިއެވެ.
މި މަޝްރޫއުގެ ދަށުން މިހާތަނަށް ހަތަރު ހާފިޒުންނަށް ފުރުސަތު ދެއްވާފައިވާއިރު، ހަތަރު ވަނަ ފުރުސަތު ދެއްވާފައިވަނީ އަލް ހާފިޒާ ސަޚިއްޔާ ޢަބްދުލް ޣަނީ (ކުރިބޯށި، ރ. މީދޫ) އަށެވެ.
މި މަޝްރޫއުގެ މިހާތަނަށް ފުރުސަތު ދެއްވާފައިވަނީ އަލް ހާފިޒް އަލީ ރައީފްއަށާއި، އަލް ހާފިޒް އާސިރު އާރިފް ޔޫސުފްގެ އިތުރުން އަލް ހާފިޒް އަޛިން މުހައްމަދުއަށެވެ. ހާފިޒުންނަށް އުމްރާ ދަތުރު ދެމުން ގެންދަނީ ދީލަތި ފަރާތްތަކުން ލިބިލައްވާ އެހީތެރިކަމުގެ ތެރެއިންނެވެ.
ޤުރުއާން ހިތުދަސް ކުރާ ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއުއެއް ފައްޓަވަން ހަމަޖެހިފައިވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އިއުލާނުކުރެއްވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތުގެ ނިންމުން ފާހަގަކުރެއްވުމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޤުރުއާން ހިތުދަސްކުރާ ހާފިޒުން އުމްރާއަށް ފޮނުވުމުގެ މަޝްރޫއު ފެއްޓެވުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަހީމް ވިދާޅުވީ، ޤުރުއާން ހިތުދަސްކުރުމަކީ ވަރަށް ބޮޑު އަދި ވަރަށް މާތް ކަމެއްކަމަށާއި ޙިފްޒު ކުރާ ކުދީން އުމްރާއަށް ފޮނުވުމަކީ ހިތްވަރުދިނުމުގެ ގޮތުން ކުރައްވާ ކަމެއް ކަމަށެވެ.
އަދި އެކަމަށް ހަރަދުކުރާނީ އެކި ފަރާތްތަކުން ލިބޭ ދީލަތި އެހީތެރިކަމުގެ ތެރެއިންކަމަށާއި މި ފަދަ ކަންކަމުގައި މުޖުތުމައުގެ ވީހައި ގިނަ ބަޔަކު ބައިވެރިވުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝިއާރުތައް ދެމެހެއްޓުމަށްޓަކައި، އަދި ޤުރުއާން ހިތުދަސްކުރާ ޖީލެެއް ބިނާ ކުރުމަށްޓަކައި ވަރަށް ބޭނުންތެރި، މުހިންމު ކަމެއްކަމަށެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރުމާއި، ޙާފިޒުންގެ އަދަދު އިތުރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ.
މީގެ އިތުރުން ކީރިތި ޤުރުއާނުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވައިގެން، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށް ޙާއްސަ އިމާރާތެއް އެޅުމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ނިންމަވާފައެވެ. މީގެ އިތުރުން ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ހައިބަތު ބޮޑު ޤުރުއާން މުބާރާތަށް ހައްދަވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

