ކ.ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދާ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސް ނެރެން އެދިފައިވާކަމަށް ދިވެހިބފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ، މިއަދާ ހަމަޔަށް ކުރެވުނު މަސައްކަތުންވެސް ތަސްލީމުގެ ހަބަރެއް ނުވާކަމަށާއި މިހާތަނަށް އެމްއެންޑީއެފުންގެ ކޯސްޓްގާޑުން އޭނާ ހޯދުމަށް 943،998 އަކަމީޓަރުގެ ބޮޑު ސަރަހައްދެއް ޑައިވްކޮށްގެންވެސް ބަލާފައިވާކަމަށެވެ.
ތަސްލީމު ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ 13:20 ހާއިރުއެވެ.
އެހާހިސާބުން ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބޭތޯ ފުލުހުން މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ތަސްލީމް ދަތުރު ގޮސްފައި ވަނީ އޭނާ ހިމެނޭހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހު 17:00އާއި 17:30އާ ދޭތެރޭގެ ވަގުތެއްގައި ކަމަށާއި އެ ދަތުރުގައި އޭނާ ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހިކަމުގައ ކަމަށެވެ.
ތަސްލީމް އެ ދަތުރުގައި ބައިވެރިވެފައިވަނީ ދަތުރުގެ ތެރެއިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށް ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ނޫސްބަޔާނުގައި ފުލުހުން ބުނީ ތަސްލީމް ގެއްލުނު މައްސަލައިގެ ތަހުގީގުގައި ފަސްގަނޑަށް އޭނާއާއި އެކު ދަތުރު ދިޔަ 25 މީހުންގެ އިތުރުން އިތުރު ގުރޫޕެއްގައި ހިމެނޭ 12 މީހުންނާއި ސުވާލުކޮށްފައިވާ ކަމަށާއި އޭނާ ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ފަސްގަނޑަށް ދިޔައިރު އިތުރު ބަޔަކު ވެސް ފަސްގަނޑުގައި ތިބި ކަމަށެވެ.
އަދި އޭނާ އެތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 7:45އާއި 9:00އާ ދެމެދު ކަމަށެވެ.
އޭނާ މާލެ ދާން ބޭނުންވާ ކަމަށް ބުނެފައި އޮތުމުން، އެ ދުވަހުގެ 10:00 އާއި 11:00އާ ދެމެދު މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ އެ މީހުން އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި ތަސްލީމާއި އިތުރު ބަޔަކު ދަތުރު ދިޔުމަށް ބޭނުން ކުރި ދެ ލޯންޗަކާއި މާލޭގައި އޭނާ އާންމުކޮށް ގޮސް އުޅޭ ސަރަހައްދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ތަސްލީމް ގެއްލުނު މައްސަލަ އާއި ގުޅޭ ގޮތުން އޭނާގެ އާއިލާއާއި ފުލުހުން ބައްދަލުކޮށް މައުލޫމާތު ސާފުކޮށް ތަހުގީގު ކުރިއަށް ދާ ގޮތުގެ މައުލޫމާތު އާއިލާ އާއި ހިއްސާ ކުރަމުންދާ ކަން ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

