ޓެކްސްއަށް ބަދަލު ގެނައުމާއި ކުންފުނިތައް އިސްލާހު ކުރުމަކީ ދަރަނި ދެއްކުމުގައި ނަތީޖާ ފެނިގެންދާނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިގޮތަށް ވިދާޅުވީ ސްރީލަންކާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކަކީ ވަގުތީ މައްސަލަތަކެއް ކަމަށާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ބެއިލްއައުޓް ޕްރޮގްރާމަކަށް އެދެން ޖެހޭ ހިސާބަށް ދާން ޖެހިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވާ ކަންކަމުގައި އެހީތެރިވާނެ ބައިނަލްއަގްވާމީ ބައިވެރިން އެބަ ތިބި ކަމަށާއި، މިއީ އައިއެމްއެފްގެ އެހީއަށް އެދެން ޖެހޭ ވަގުތުކަމަަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޓެކްސް އިސްލާހު ކުރުމުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގެންނަން ބަދަލުތަކުގެ ސަބަބުން ލިކުއިޑިޓީ ރަނގަޅުވެގެން ދާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ލަންކާއަށް ވަޑައިގެންނެވީ މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީގާއިވެސް އެކުގައެވެ. ދެ ބޭބޭފުޅުންގެ ދަތުރުފުޅަކީ ލަންކާގެ ސެންޓްރަލް ބޭންކްތަކާއި، އަދި އޮފިޝަލުންނާއި ބައްދަލު ކުރެއްވުމެވެ.