ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާއީ ޖަމުއިއްޔާތަކާއެކު، ޖަމުއިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ.
ޖަމުއިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ
މި ބައްދަލުވުން ފައްޓަވާ ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމްއިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވާކަމެއްކަމަށެވެ.
އަދި ރާއްޖޭގެ ދީނީ ދައުވަތުގެ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވުޒާރާ އާއި ޖަމްއިއްޔާތައް ގުޅިގެން މަސައްކަތް ކޮށްގެން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިއަދު ފެށި ދީނީ ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ތިން ސެޝަނަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްއިއްޔާއަކުން 98 މަންދޫބުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވާ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

