ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދިވެހިރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރަސީގެ އާ ބާބެއް ކަމަށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނީ، މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ޕީއެންސީގެ ބަޔާނުގައި ވަނީ އަނިޔާވެރިކަމާއި ހުދުމުހުތާރުކަން އިސްނުކުރައްވައި ވާދަވެރި މާހައުލެއް ދަމަހައްޓަވަމުން ހަމަޖެހުމާއި ސުލްހަވެރިކަމާ އެކު ވެރިކަން ކުރެއްވޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ކޮންމެ ދުވަހަކު ސާބިތުކޮށްދެއްވަމުން ކަމަށެވެ.

ބަޔާނުގައި ވަނީ އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ ބައިވެރިވާ ސިޔާސީ ނިޒާމު ރާއްޖެއަށް ތައާރަފުކުރެވުނުތާ 16 އަަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވިއިރު، ދުސްތޫރީ ގޮތުންނާއި އިދާރީ ގޮތުން ގެންނަން ޖެހޭ މުހިންމު ބޮޑެތި ބަދަލުތަކެއް ހުރިކަން ފާހަގަކުރެވުނު ނަމަވެސް އެފަދަ އިސްލާހުތައް ގެނައުމުގެ މަސައްކަތް އޮތީ ނުކުރެވި ކަމަށެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގެންނަން ޖެހިފައި ހުރި މުހިންމު އިސްލާހުތައް ގެންނެވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އެ ކަންކަމަކީ ދުރު ރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާވެ، ދައުލަތުގެ ހިންގުން އިސްލާހުވާނެ ކަންތައްތަކެއް ކަމެއް ދެކޭ ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ސިފަތައް ވަރުގަދަކުރައްވައި ހަރުދަނާ ކުރެއްވުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ކޮންގްރެސް ޕާޓީން ބުނި ގޮތުގައި އެ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާއިރު ސިޔާސީ ނިޒާމުގައި ޒަމާނުއްސުރެ އޮތް ބަދަލު ހިފުމާއި ޒާތީ ރުޅިވެރިކަމާއި ނަފުރަތާއި ހަސަދަވެރިކަމުގެ ނުބައި ދަމިލަ ފިލުއްވައި، އެފަދަ ކަންކަން ނިމުމަކަށް ގެންނެވުމަށް އެމަނިކުފާނު ގެންދަވަނީ ސިޔާސީ ކަންކަމުގައި ދިވެހިންނަށް ރިވެތި ނަމޫނާ ދައްކަވައިދެއްވަމުން ކަމުގައެވެ.