ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލު ކުރަން ނިންމުމަކީ ވަރަށް ހަރުދަނާ ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ކުންފުނިތައް އިސްލާހުކޮށް، ހަރަދުތައް ކުޑަ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލު ކުރުމަށް ކެބިނެޓުންވވަނީ ނިންމަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު ހުށަހަޅާފައިވާ ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވި ގޮތުގައި، މި ނިންމެވުން ހަރުދަނާ ނިންމެވުމަކަށްވާ އެއް ސަބަބަކީ ފެނަކައިން އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭ ކުންފުންޏަކީ އެސްޓީއޯ ކަމުގައި ވުމެވެ.

ނާޒިމް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގެ ފަސް އަހަރު ނިމިގެންދިޔައިރު ވެސް ފެނަކައިން އެސްޓީއޯ އަށް ދައްކަން ޖެހޭ ފައިސާގެ އެއްވެސް މިންވަރެއް ދައްކާފައި ނުވާ ކަމަށެވެ.

”އެހެންކަމުން، ފެނަކައިން އެސްޓީއޯއަށް ދައްކަން ޖެހޭ 2.2 ބިލިއަން ރުފިޔާގެ މުގާބިލުގައި ފެނަކައިގެ 100 ޕަސެންޓު ހިއްސާ، އެސްޓީއޯއިން ގަންނަން މަސައްކަތް ކުރަމުންދާ މަންޒަރު އަޅުގަނޑުމެންނަށް މިހާރު ފެންނަނީ.“ އޭނާ ވިދާޅުވިއެވެ.

އެސްޓީއޯގެ ތަޖުރިބާއާއިއެކު، ފެނަކައިގެ ކަންކަން ރަނގަޅު ކުރެވިއްޖެނަމަ، މިއީ ވަރަށް ރަނގަޅު ތަޖުރިބާ އަކަށް ވެގެންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެސްޓީއޯގެ ދަށަށް ފެނަކަ ގެންނަން ނިންމާފައިވާއިރު، އެ ކުންފުނިން އިތުރު އީޖީއެމްއެއް ބާއްވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއިން އެފަދަ ޖަލްސާއެއް ބާއްވަން ޖެހެނީ އެ ކުންފުންޏަކީ ވެސް އާންމު ހިއްސާދާރުންގެ ބައިވެރިވުން ހިމެނޭ ކުންފުންޏަކަށް ވުމުންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ ޖަލްސާ ބޭއްވުމަށް ކުންފުނީގެ ބޯޑުން ފާސްކުރަން ޖެހޭނެ ކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ޕީސީބީންނާއި ފިނޭންސް މިނިސްޓަރު, ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިނގާ ގޮތް ވަރަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ.