އަމިއްލަ ދެ ދަރީންނާއި އާއިލީ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ އުފަން ކުޑަ ދެ އަންހެންދަރީންނާއި، އާއިލީ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 42 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެމީހާގެ ބަންދަށް ޖަހައިދީފައި ވަނީ 30 ދުވަހުގެ މުއްދަތެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އުފަންދަރީންނަށް ޖިންސީ ގޯނާ ކުރި އެމީހާއަކީ މާލޭގައި ދިރިއުޅޭ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ ރާއްޖޭގައި ހަރުކަށި އަދަބު ދެވޭ ކުށެކެވެ.

ހާއްސަކޮށް އިތުބާރު ހުރި މަޤާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީގޯނާ ކޮށްފިނަމަ، އެމީހެއްގެ އަދަބު އިތުރަށް ބޮޑުވެގެން ދާނެއެވެ.