ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އައްބާސް ޝަރީފް އައްޔަންކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކޮށްފިއެވެ.
ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރުމާގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ސިޓީ އިއްވެވީ މަޖިލީހުގެ ދައުރުން ބޭރުން މި މަހުގެ 11 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައެވެ.
މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ހަމަ އެރޭ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
މައްސަލަ ދިރާސާކުރުމަށް އެ ކޮމިޓީން އެ ރޭ ބޭއްވި ބައްދަލުވުމަށްފަހު މިއަދު ކޮމިޓީން ވަނީ އައްބާސްއާ އިންޓަވިއުކޮށް މައްސަލައާމެދު ގޮތެއް ނިންމައިފައެވެ.
ޕީޖީ ކަމަށް އޭނާ އައްޔަނު ކުރުމަށް ރުހުން ދިނުމަށް ފާސްކުރީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އައްބާސް 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

