ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމުގެ ދާއިރާއަކީ އާމްދަނީ ލިބޭ ދާއިރާއަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
އިއްޔެ ރައީީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ބަހާއި ތަރިކައިގެ މިނިސްޓަރު އާދަމް ނަސީރެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން ތަރިކަ ރައްކާތެރިކުރުމުގެ ދާއިރާއަކީ ހަރަދުތަކެއް ކުރެވި އާމްދަނީއެއް ނުލިބޭ ދާއިރާއެއް ކަމުގައި ވިޔަސް، މިހާރު އެކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއި، ބޭރު ގައުމުތަކުގެ ނަމޫނާ ބޭނުންކުރުން ހިމެނޭކަން ފާހަގަކުރައްޓައި، ތަރިކައިގެ ވާހަކަތައް އާ އުސްލޫބަކުން ގެނެސްދިނުމަށްވެސް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ މަގްސަދަކީ ތަރިކަ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހެދުމާއި، ތަރިކައިން ގައުމީ އާމްދަނީ ހޯދުމެވެ.
މިކަން ހާސިލުކުރުމަށްޓަކައި ގިނަ ޕްރޮޖެކްޓްތަކެއް ރާވާފައިވާ ކަމަށާއި މީގެ ތެރޭގައި ނ. ލަންދޫ މާ ބަދިގެ ސަރަހައްދުގައި ސައިޓް މިއުޒިއަމެއް ތަރައްގީކުރުމާއި، ތ. ދިޔަމިގިލި ގަނޑުވަރު ސައިޓް މިއުޒިއަމެއްގެ ގޮތުގައި ތަރައްގީކުރުން ހިމެނެއެވެ.
މީގެ އިތުރުން، އުތީމު ގަނޑުވަރުގެ ފުރާޅު މަރާމާތުކުރުމާއި، ތ. ކަނޑޫދޫ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ހުވަދޫ ސަރަހައްދީ ދާރުލް އާސާރުގެ ސްޓަޑީއެއް ހެދުމުގެ މަސައްކަތްވެސް ފެށިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

