މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންނަށް ހެދިގެން ބިދޭސީން އުޅެމުންދާ ތަންތަން ބަލައި ފާސް ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިމިގްރޭޝަނުން ބުނީ، އެ އިދާރާގެ ރެއިޑުތަކުގައި އުޅޭ އޮފިސަރުންނަމަ، ތިބޭނީ ޔުނިފޯމް ލައިގެން، ފާސް ވެސް ހިފައިގެން ކަމަށެވެ.

މި ފަދަ ކަންކަމަށް ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސް ކުރެއެވެ. އެ އިދާރާއިން ބުނީ، ބަލާ ފާސް ކުރަން އަންނަ މީހުންނާމެދު ޝައްކުވާނަމަ، ފާސް އޮތްތޯ ބެލުމަށާއި، ފުރިހަމަ މައުލޫމާތު ދެނެގަތުމަށް އެދޭ ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރިން އިމިގްރޭޝަނުން ވަނީ އެ އިދާރާގެ ނަމުގައި ސްކޭމް ވީޑިއޯ ކޯލުތަކެއް ކުރާތީ، އެކަމަށް ވެސް ސަމާލުވާން އެދިފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައްޓަވައިފައިވާ މަސައްކަތުގެ ދަށުން، މިހައިތަނަށް 3000އަށްވުރެ ގިނަ ބިދޭސީން ވަނީ ފޮނުވައިލައިފައެވެ.