އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމަށް އަލަށް ހޮވުނު، ލިޒް ޓްރަސްއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަހުނިޔާ ދަންނަވައިފިއެވެ.

ބޮޑުވަޒީރު ހޮވުމަށް އިނގިރޭސި ޕާލިމެންޓުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނެގި ވޯޓު އެގައުމުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް ވަނީ ކާމިޔާބު ކުރައްވާފައެވެ.

މި ކާމިޔާބީއާ ގުޅިގެން އެކަމަނާއަށް ތަހުނިޔާ ދެންނެވުމުގެ ގޮތުން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރަކު ކަނޑައެޅުމަށް ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ވޯޓު ޚާރިޖީ ވަޒީރު މޭރީ އެލިޒަބަތު ޓްރަސް ކާމިޔާބު ކުރެއްވީ %57 ތާޢީދާއެކުއެވެ. އެއީ އެ ޕާޓިގެ 81326 ވޯޓުންނެވެ.