އިޖްތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ރައްޔިތުންގެ ހާލު ބެލުމަށް ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމްގައި، ވިލިމާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައި އެ ވުޒާރާއިން ފާހަގަކޮށްފިއެވެ.

އެ ވުޒާރާ އިން ވަނީ، ރައްޔިތުންގެ ހާލު ބެލުމަށް ވިލިމާލެއަށް ކުރެވުނު ޒިޔާރަތުން ފާހަގަކުރެވުނު މުހިންމު ކަންކަން ހިއްސާކޮށްފައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ މިދިޔަ އޮގަސްޓު މަހުގެ 07 އިން ފެށިގެން، އެ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވިލިމާލޭގައި ”ހާލު ކިހިނެއް؟“ ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ފަސް ޓީމެއްގެ މައްޗަށް މަސައްކަތްތައް ބަހާލައިގެން ވިލިމާލޭގައި މީހުން ދިރިއުޅޭ ގޭބީސީތަކަށް ޒިޔާރަތްކޮށްފައިވާއިރު 454 ގޭބީސީއިން ވަނީ މައުލޫމާތު ހިއްސާކޮށްފައި ކަމަށް އެ ވުޒާރާ އިން މައުލޫމާތު ދެއެވެ.

މީހުން ދިރި ނޫޅޭ 53 ގޭބީސީއެއް ދެނެގަނެވިފައިވާއިރު، 113 ގޭބީސީން އެއްވެސް ޖަވާބެއް ދީފައި ނުވާކަން ވުޒާރާ އިން ފާހަގަކުރެއެވެ.

އަދި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުން ނުވާކަމަށް 15 ގޭބީސީން ބުނިކަން ވެސް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނެއެވެ.

ިވިލިމާލޭގެ ގޭބީސީތަކަށް ކުރެވުނު ޒިޔާރަތްތަކުގެ ތެރެއިން އެންމެ ގިނަ ގޭބީސީއިން ފާހަގަކޮށްފައިވާ ކަންބޮޑުވުމަކީ އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ކަންބޮޑުވުންތަކެވެ.

އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އެއްތަނެއްގައި އުޅެން ޖެހުމާއި، އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުލި ދައްކައިގެން އުޅެން ޖެހުމުގެ އިތުރުން ޖާގައިގެ ދަތިކަން ދިމާވުންފަދަ ކަންބޮޑުވުންތައް ފާހަގަކޮށްލެވޭ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ 79 ގޭބީސީއަކުން ހުށަހެޅިއިރު އެ ތަންތަނުގައި އެޖްރެޖުކޮށް ހުރީ 1 ނުވަތަ 2 ރޫމެވެ. އެވްރެޖުކޮށް ގޭބީސީއެއްގައި 6.23 މީހުން ދިރިއުޅެމުންދާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

”އަދި ގޭބީސީއެއްގައި 2 މީހުން އިން ފެށިގެން 21 މީހުންނާއި ހަމަޔަށް މީހުން ދިރިއުޅޭ ގޭބީސީތައް ހުރިކަން ވެސް ވަނީ ދެނެގަނެވިފައެވެ. އޭގެ އިތުރުން ބޯހިޔާވަހިކަމުގެ ކަންބޮޑުވުން ފާޅުކުރި ގޭބީސީތަކުގެ ތެރެއިން 53 އިންސައްތަ މީހުންނަކީ ކުލި ދައްކައިގެން އުޅޭ މީހުންނެވެ. އަދި 38.36 އިންސައްތަ މީހުންނަކީ ގެ ބަހައިގެން ވާރުތަ މުދަލުން ލިބުނު ޖާގައިގައި އުޅެމުންދާ މީހުންނެވެ.“ އެ ވުޒާރާއިން ބުންޏެވެ.

އިޖްތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނިގޮތުގައި އަމިއްލަ ބޯހިޔާވަހިކަމުގައި އުޅޭކަމަށް ދެނެގަނެވިފައިވަނީ ބޯހިޔާވަހިކަމުގެ ކަންބޮޑުވުން ފާޅުކުރި ގޭބީސީތަކުގެ ތެރެއިން 6.23 އިންސައްތަ މީހުންނެވެ.

ވިލިމާލޭގައި ކުރިއަށް ގެންދިޔަ ”ހާލު ކިހިނެއް؟“ ޕްރޮގްރާމުން ފާހަގަވި އިތުރު ކަންކަމުގެ ތެރޭގައި، އާއްމު ސާފުތާހިރުކަމާއި ބުޅަލުގެ އުނދަގުލާއި، ދައުލަތުގެ ވެލްފެއާ ނިޒާމުގެ ތެރެއިން މާލީ އެހީ ހޯދަން ދަތިވުމާއި، ކަރަންޓާއި ފެން ބިލު ބޮޑުވުން ފަދަ ކަންކަން ހިމެނެއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގެތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި ދައުލަތުގެ ސަމާލުކަމާ އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމެކެވެ.