ކުރިއަށްއޮތް 20 އަހަރު ދުވަހުގެ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މުއިއްޒު މިކަން ހާމަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމު ކުރެއްވި ވީޑިއޯއެއްގައެވެ.

އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމެނޭ މި މަސައްކަތް ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ކުރުމަށް ނިންމަވައިފައިވާ ކަމަށް  ރައީސް ވިދާޅުވިއެވެ.

އަހަރެއްގެ ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަން ނިންމާފައިވާއިރު މި ޕްލޭން ހަދާނީ ރައްޔިތުންގެ ބައިވެރިވުމާ، ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށާއި އަދި މި ޕްލޭނަށް ގާނޫނީ ބާރުވެރިކަން ވެސް ލިބޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

”ރާއްޖޭގެ ތަސައްވުރު، ކުރިއަށް އޮތް 20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިޔުމަކީ، ރައްޔިތުންނަށް އެކަމުގެ ޔަގީންކަން އޮންނަ ކަމަކަށް ހެދުން. ގާނޫނަކުން އެއަށް ބާރުވެރިކަން ލިބިފައިވާ ކަމަކަށް ހެދުން. ގާނޫނީ ހިމާޔަތްތެރިކަން ލިބުން.“ ރައީސް ވިދާޅުވިއެވެ.

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލާއިރު ހުރިހާ ރަށަކާއި ޖަމިއްޔާތަކުގެ މަޝްވަރާ ހޯދުމަށް ވެސް ސަރުކާރުން ވަނީ ނިންމަވައިފައެވެ.

އަދި ސިޔާސީ ޕާޓީތަކާއި، ޕާޓީއަކަށް ނިސްބަތް ނުވިޔަސް، ގައުމުގެ ކަމުވޮށިގެންވާ އެކި ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށްއޮތް 20 އަހަރު ދުވަހަށް ގައުމު އޮންނަންވީ ގޮތް އެމަނިކުފާނު މިހާތަނަށް ހިއްސާކުރައްވަމުން ގެންދަވާފައިވާނެކަމަށާއި ބޭނުންފުޅު ވަނީ ރައްޔިތުން ބޭނުންވާގޮތަށް މިކަންކަން ހާސިލު ކުރެއްވުންކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅު ވަނީ މި މަސައްކަތް ފެށިގެންދާއިރު މިއީ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުން ލިބިގެން ކުރެވޭ ކަމަކަށް ވެގެންދިއުން ކަމުގައި ރައީސް ވިދާޅުވިއެވެ.