ހުޅުމާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ގާއިމްކޮށްފައިވާ ޕޮކެޓް ޕާކިން ޖާގަތައް ކުއްޔަށް ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ 08 ޒޯނަކުން ދޫކުރާ 1،374 ޕާކިން ޖާގައެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރާ އެ ޕާކިން ޖާގަތަކުގެ މަހު ކުއްޔަކީ 2،000ރ.އެވެ.
18 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށްވެސް މި ޕާކިން ޖާގަތަކަށް ކުރިމަތިލެވިދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ކުންފުނިން ބުނިގޮތުގައި، ޕާކިން ޖާގައަށް އެޕްލައިކުރާ ފަރާތުގެ ނަންމަތީގައި، މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ކެޓަގަރީ B1 ނުވަތަ C1 ގެ ވެހިކަލްއެއް އޮންނަންވާނެއެވެ.
އަދި ޕާކިން ހޯދަން އެޕްލައިކުރާ ފަރާތަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށްވެސް ވާންވާނެއެވެ.
އެގޮތުން، ޕާކިން ސްލޮޓުތައް ދޫކުރުމުގައި ފުރަތަމަ އިސްކަންދޭނީ، ހުޅުމާލެއަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށެވެ. އެއަށްފަހު، (ހުޅުމާލެ ފިޔަވައި) މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކަށް ޕާކިން ޖާގަ ދޫކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި ދެ ކެޓަގަރީންވެސް ޕާކިން ޖާގަ ދޫކުރުމުގައި އިސްކަންދޭނެ ތަރުތީބަކީ؛
1. ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯންގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުން
2. ޕާކިން އެޕްލިކޭޝަން ހުށަހަޅާފައިވާ ޒޯން ނޫން އެހެން ޒޯނެއްގައި ދިރިއުޅޭ ހުޅުމާލޭ ރައްޔިތުން
3. މާލޭ ސަރަހައްދުގައި (ހުޅުމާލެ ނުހިމަނާ) ދިރިއުޅޭ ރައްޔިތުން
ޕާކިން ޖާގަތައް ދޫކުރާނީ އެ ޖާގަތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.
ޕާކިން ޖާގައަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 01 އޮކްޓޯބަރު 2024އެވެ.
ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަށް އެޗްޑީސީގެ ރިސެޕްޝަނުން އެޕްލިކޭޝަން ފޯމުތައް ބަލައިގަންނާނެއެވެ.
ހުޅުމާލެއިން ދޫކުރާ މި ޕޮކެޓް ޕާކިން ޖާގަތަކުގެ ސަބަބުން ވެހިކަލް ޕާކުކުރުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނީ، އަބަދުވެސް މަސައްކަތް ކުރަނީ، ހުޅުމާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމާއެކު ހުޅުމާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމުގައެވެ.

