މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މަޝްރޫއުގެ ދަށުން މާލޭގައި އިއްޔެ ފެށި މިނީ ބަހުގެ ހިދުމަތް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް ވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްްގައެވެ. އެގޮތުން ރައީސް ވިދާޅުވެފައިވަނީ، ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ދަށުން މިނީ ބަހުގެ ހިދުމަތް ފެށިގެން ދިޔުމަކީ ނިޒާމު ފުރިހަމަ ކުރުމުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

”ބައިބޯ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ތަސައްލީއަކަށް މިހުދުމަތްވެ، އިތުރަށް ތަރައްގީވެގެންދާނެ،“ ރައީސް ވިދާޅުވިއެވެ.

އިއްޔެ ފެށި މިނީ ބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްތާގައި ދިނުމަށް ހަމަޖެހިފައިވަނީ މުޅިން ހިލޭއެވެ. އަދި ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އިތުރުން، ޔުނީފޯމުގައި ތިބި ސްކޫލް ކުދިންނަށްވެސް މި ހިދުމަތް ހިލޭ ލިބޭނެއެވެ.

މި ހިދުމަތް ދިނުމަށް 18 ބަސް ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު، މާލޭގެ 42 ތަނަކަށް ބަސް މަޑު ކުރާނެއެވެ. ބަސްތައް ދަތުރު ކުރާނީ، އަމީނީ މަގު، ސޯސަން މަގު، މަޖީދީ މަގު އަދި އޯކިޑު މަގުންނެވެ.

ފުރަތަމަ ދެ ހަފްތާއަށްފަހުގައި ބަހުގެ ފީއެއްގެ ގޮތުގައި ހަތް ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި މީގެ ކުރިން 2011 ވަނަ އަހަރުވެސް މިނީ ބަހުގެ ހިދުމަތް ދިނެވެ. ނަމަވެސް އަހަރެއްހާ ދުވަސް ނުވަނީސް ބަހުގެ ހިދުމަތް ވަނީ ހުއްޓާލައިފައެވެ.