ސާފު ތާހިރު ކަމެއް ނެތި، ކާބޯތަކެތި ތައްޔާރުކޮށް ވިއްކަމުންދިޔަ 16 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ރޭ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ގޮތަކަށް ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގެ މާފަންނުގައި ހުންނަ ހަތަރު ގެއެއް ބަލައި ފާސްކޮށްފައި ކަމަށެވެ.

އިމިގްރޭޝަނުން ބަލާ ފާސް ކުރި ބައެއް ތަންތަނަކީ ސާފުތާހިރުކަމަށް ބެލުމެއް ނެތި ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ތަންތަން ކަން ފާހަގަކުރެވިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނީ އެ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އެ ތަންތަނުގައި އުޅެމުންދިޔަ 16 ބިދޭސީއަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންނަށް ފިޔަވަޅު އެޅުމަށް އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތުގެ ދަށުން، މިހާތަނަށް 3000 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވައިލައިފައެވެ.