ރަށްރަށުން މާލެއަށް މީހުން ހިޖުރަކުރާ މައިގަނޑު ސަބަބަކީ ރަށްރަށުގައި މުނިފޫހިފިލުވުމަށް ކުރާނެ ކަމެއް ނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މަޖިލީހަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށައެޅުއްވި ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ބިލްކުރާ އަގުތަކުގައި ވާ ތަފާތުކުރުންތައް ނައްތާލައި ހަމަހަކަމާއެކު އަގުކަނޑައެޅުމަށް ހުށައެޅި ގަރާރަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން އާއްމު ހިދުމަތްތައް ފޯރުކޮށްދެމުންދަނީ ރަށުގެ ސައިޒެއް ބެލުމެއްނެތި ހުރިހާ ރަށަކަށް ހަމަހަމަކޮށް ކަމަށެވެ.

މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދުތައް އިތުރުވުމާއި މެދު ވިސްނާލަން ޖެހޭކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.