ޔޫއެން ސެކިއުރިޓީ ކައުންސިލުގެ ޑިބޭޓެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ، އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި، ވެރިޔަކު އދގެ ސަލާމަތީ މަޖިލީހުގެ ޑިބޭޓެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ހީނާ ވިދާޅުވި ގޮތުގައި މި ޑިބޭޓުގައި ރައީސް މުއިއްޒު ޔޫއެސްއަށް ވަޑައިގެން، ބައިވެރިވެވަޑައިގަންނަވަނީ އެމަނިކުފާނު ޔޫއެންއަށް ކުރައްވަވާ ފުރަތަމަ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އދގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
”އަދި ޔޫއެން ސެކިއުރިޓީ ކައުންސިލުގެ ހާއްސަ އޯޕެން ޑިބޭޓެއްގައި ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި. އާދެ، މީ ދިވެހި ރާއްޖޭގެ ތާރީޚުގައި ޔޫއެން ސެކިއުރިޓީ ކައުންސިލް ޑިބޭޓެއްގައި ރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަން ވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ.“ އިސް ތަރުޖަމާނު ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ އދގެ އާއްމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ”ސަމިޓް އޮފް ދަ ފިއުޗަރ“ގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމުގައެވެ.
އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުޚާތަބު ކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވެސް ހަމަޖެހިފައިވެއެވެ.
ހީނާ ވިދާޅުވީ ރައީސްގެ ޔޫއެން ދަތުރުފުޅާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ނޫސްވެރިންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.

