ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އ.ދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއީ ރައީސުލްޖުމްހުރިއްޔާ އ.ދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި އ.ދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެއެވެ.

މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައި އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށެވެ.

މީގެއިތުރުން އ.ދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.