ދިވެހި ސަރުކާރުން އިންޑިއާގެ ސަރުކާރަށް ދައްކަން ޖެހޭ ދަރަނީގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ މުއްދަތު އެ ގައުމުގެ ސަރުކާރުން ފަސް ކޮށްދީފިއެވެ.

މި 50 މިލިއަން ޑޮލަރަކީ މިއަހަރު ދައްކަންޖެހޭ ދެވަނަ ބައެވެ.

ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާކޮށްފައެވެ.

މި އަހަރުގެ މެއި މަހުގެ 08 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރުވަނީ އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވައިފައެވެ. .

ދަރަނި ދެއްކުން ފަސްކޮށްދެއްވިކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ފައިސާ ދެއްކުން ފަސްކޮށްދީފައިވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ ބަޖެޓް ސަޕޯޓެއްގެ ގޮތުންނެވެ.

އެގޮތުން މި ދަރަނި ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ދަންމާލުމަށް އިންޑިއާއިން އެއްބަސްވެފައިވެއެވެ.

މި ލޯނަކީ 2019 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނަގާފައިވާ ލޯނެކެވެ.

ލޯނުގެ 50 މިލިއަން ޑޮލަރު ދެއްކުމުގެ ސުންގަޑި މިއަދުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ މި ފައިސާ ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ދަންމާލުމަށް އެއްބަސްވެފައެވެ.