ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.
ރައީސް މުއިއްޒު އަށް ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ، ރާއްޖެ އިން އދ އަށް ކަނޑައަޅުއްވައިވާ ދާއިމީ މަންދޫބު، ޑރ.އަލީ ނަސީރެވެ.
ރައީސް މުއިއްޒު އެމެރިކާ އަށް ކުރައްވަވާ ދަތުރުފުޅަކީ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވަވާ ދަތުރުފުޅެކެވެ.
އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ތަގުރީރުކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހުއެވެ.
އަދި އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން އެކި ދައުލަތްތަކާއި ގައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.
މިއީ ރައީސް އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އަދި އެމަނިކުފާނުގެ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދ.ގެ މެންބަރު ގައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.

