ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދު ސިންދަފާތުކުރުމަށް މާލީ އެހީ ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިކަމަށް ގޮވާލެއްވީ އދގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރގެ ހަވާސާގެ ތެރެއިން ރާއްޖެއާއި އެންޓީގާ އެންޑް ބާބިއުޑާއިން ކޯ ހޯސްޓްކުރި ސިޑްސްގެ ބައްދަލުވުމެއްގައެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ގައުމުތަކަށް މާލީގޮތުން މިހާރު ކުރިމަތިވެފައިވާ ބުރަތައް ލުއިކޮށްދީ، ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދޭން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ކޯ ޗެއަރގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސިޑްސްގެ ގައުމުތަކުގެ އިގްތިސާދުތައް ބަރޯސާވެފައިވަނީ މަދު ސިނާއަތްތަކެއްގެ މައްޗަށް ކަމަށާއި، އެހެންކަމުން އިގްތިސާދު ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
ރައީސް ވިދާޅުވީ އިގްތިސާދު ސިންދަފާތުކުރުމަކީ ހަމައެކަނި ހާސިލުކުރަން އޮތް އަމާޒެއް ނޫންކަމަށެވެ.
އަދި އެއީ ސިޑްސްގެ ދެމިއޮތުމަށް ކޮންމެހެން ކުރަންޖެހޭކަމަކަށްވާއިރު، އެކަން ކުރެވޭނީ ގައުމުތަކުގެ އުފެއްދުންތެރިކަން އިތުރުކޮށްގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

