މާލެ ސިޓީގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ފުލުހުން ގުޅިގެންނެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، އެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަތަނަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން މާލޭ މަގުމަތީ ގިނަދުވަސްވެ، ބާވެ ހަލާކުވެފައި ހުރި އުޅަނދުތައް ނަގަން ފަށާފައިވާ ކަމަށެވެ.

މާލޭގެ މަގުމަތީގައި ގިނަ ދުވަސްވެފައިވާ ވެހިކަލްތަކެއް މިއަހަރުގެ ކުރީކޮޅުވެސް ނަގާފައިވާއިރު، އޭރު ނެގި ވެހިކަލްތައް މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ނައްތާލާފައެވެ.