ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ މިންވަރަކަށް އދގައި ރާއްޖެ ތަމްސީލު ކުރައްވަމުން ގެންދަވާ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައީސް މުއިއްޒު އދ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭގޮތުން އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައެވެ.
އާދަމް ޝަރީފު ވިދާޅުވީ، އދގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދިވެހި ގައުމު ފަހުރުވެރިވާ މިންވަރަށް ރާއްޖެ ތަމްސީލު ކޮށްދެއްވައި، އަޑު އުފުއްލަވަމުންދާ ކަމަށެވެ.
ދިވެހިރާއްޖޭގެ މަސްލަހަތާއި ދިވެހީންގެ އިހުސާސްތަކާ ވިންދާ އެއްގޮތަށް ދިވެހި ގައުމު އިސްކުރެއްވުމުގެ ސަބަބުން ރައީސް މުއިއްޒުއަށް އޮންނަ އިތުބާރާއި، ޔަގީންކަން އެތައް ގުނައަކަށް އިތުރުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަގުރީރުތަކުގެ އެންމެ ހާއްސަ އެއް ކަމަކީ، ގައުމިއްޔަތު ބިނާ ކުރެއްވުމަށް ދެއްވާ ސަމާލުކަމާއި އަހައްމިއްޔަތުކަން.“ މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއި އެކު، ރައީސް މުއިއްޒު އިއްޔެ އެމެރިކާއަށް ވަޑައިގެންފައި ވަނީ، އދގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސުލްމުޖްހޫރިއްޔާ އެމެރިކާއަށް އަދި އދ.އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

