ހުއްދަ ނެތި ހިޖާމާ ޖެހުމުގެ ހިދުމަތް ފޯރުކޮށްދެމުންދާތީ، ފަޒީލާ އުސްމާންގެ ”ފަޒީސް ހިޖާމާ“ ކްލިނިކް ބަންދު ކޮށްދިނުމަށް ހެލްތު މިނިސްޓްރީން ފުލުހުންގެ އެހީއަށް އެދިއްޖެއެވެ.
ރަޖިސްޓްރީކޮށް އޮޕަރޭޓިން ލައިސެންސް ލިބެންދެން ހިދުމަތްތައް ހުއްޓާލުމަށް ފަޒީލާއަށް އަންގާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.
އަދި އެ އެންގުމާ ހިލާފަށް މަސައްކަތް ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ހެލްތު މިނިސްޓްރީން ވަނީ ދީފައެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ހެލްތު މިނިސްޓްރީގެ ހުއްދަ ނުހޯދައި، ހުޅުމާލޭގައި ހިޖާމާ ކްލިނިކެއް ހިންގާ މައްސަލަ ބަލައިދިނުމަށް ހެލްތު މިނިސްޓްރީން އެދިފައިވާތީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ހެލްތު މިނިސްޓްރީން ހުއްދަނެތި ހިދުމަތް ޕްރޮމޯޓް ކުރަން ސޯޝަލް މީޑިއާގައި ކޮށްފައިވާ އިޝްތިހާރުތައް ނެގުމަށް ވެސް އަންގާފައިވެއެވެ.
އެފަދަ އިޝްތިހާރުތައް އާންމު ކުރެވޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.

