އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީީސް މުއިއްޒު މިހެން ވިދާޅުވީ ”ސަމިޓް އޮފް ދަ ފިއުޗަރ“ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ، ޒުވާނުން ބާރުވެރިކުރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތް ވަރުގަދަކުރުމުގެ އިތުރުން މާލީގޮތުން ގައުމުތައް ބާރުވެރިކުރުވުމުގެ މުހިންމު ކަމަށް އަލިއަޅުވައިލައްވައިފައެވެ.
ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ދިވެހި ޒުވާނުން ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީތައް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ގާއިމު ކުރުމަށް ސަރުކާރުން އިންވެސްޓްކުރަމުންދާކަމަށެވެ.
އަދި ސަރުކާރުގެ ތަސައްވުރަކީ އިގްތިސާދީ ކުރިއެރުމާއި އިޖްތިމާއީ ހަމަހަމަކަމުގައި ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވިސްނުންތަކުގެ ދައުރު ބޮޑުކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަންކަމާއެކު ޒުވާނުން ބޭނުންވާ ގޮތަށް އެ މީހުންގެ މުސްތަގްބަލުބައްޓަންކުރުމުގެ ބާރު ލިބިގެންދާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މޫސުމީ މައްސަލަތަކާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަކީ ހިޔާލީ ކަމެއް ނޫންކަމަށެވެ.
އަދި އަންނާން އޮތް ޖީލުތަކުން ބަލާނީ ދައްކާފައި ހުރި ވާހަކަތަކަކަށް ނޫން ކަމަށާއި، އަމަލީގޮތުން ކޮށްފައިވާ މަސައްކަތަށް ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަދުގެ ޖީލުތަކުން ބޭނުންވަނީ ވާހަކަތަކަށް އަމަލީ ސިފަ ގެނެސްދޭ ނިޒާމަކާއި، ކުރިމަތިވާ ކޮންމެ ގޮންޖެހުމަކަށް ހިތްވަރާއެކު ކުރިމަތިލާނެ ލީޑަރުންތަކެއްކަމަށެވެ.

