އައްޑޫ ސިޓީ މަރަދޫ ގެއެއްގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގިކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ފަތިހު 5:46 ހާއިރުކަމަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ، ހިތަދޫ ފަޔާ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން ގަޑި އިރެއްހާއިރު ތެރޭގައި އެ އަލިފާންގަނޑު ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން ގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެގައި ރޯވި އަލިފާންގަޑު ހެނދުނު 6:45 ހާއިރު އެއްކޮށް ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެގެން ރިޕޯޓްކޮށްފައި ނުވާކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި އަލިފާނގަނޑު ރޯވުމަށް މެދުވެރިވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.