ދިވެހީންގެ ދީލަތި އެހީގައި ޣައްޒާގައި އަނެއްކާ ވެސް ވަގުތީ މިސްކިތެއް އަޅައިދީފިއެވެ.

މިއީ ޚިދުމަތް ޖަމިއްޔާއާއި ތުރުކީވިލާތުގެ އުއްމަތް ޖަމިއްޔާ ގުޅިގެން ކުރި މަސައްކަތެކެވެ. ޚިދުމަތް ޖަމިއްޔާ އިން މައުލޫމާތުދޭ ގޮތުގައި، މިއީ 200 އާއި 300 މީހުންގެ ޖާގައިގެ ނަމާދު ގެއެކެވެ.

މި ވަގުތީ މިސްކިތް ބިނާ ކޮށްފައިވާ ސަރަހައްދަކީ 3 ސްކޫލެއް ހިމެނޭ ސަރަހައްދެއްކަން ވެސް ހިދުމަތް ޖަމިއްޔާ އިން ބުނެއެވެ.

މީގެ ކުރިން ވެސް، ޚިދުމަތް ޖަމިއްޔާ އިން ވަނީ، މިފަދަ ވަގުތީ ދެ މިސްކިތް، ޣައްޒާގައި އަޅައިފައެވެ.

މީގެ އިތުރުން ވެސް ޣައްޒާގައި، ޚިދުމަތް ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކުގެ ތެރޭގައި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް ކާތަކެތި ބެހުމާއި، ފައިސާގެ އެހީތެރިކަން ބޭނުންވާ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމާއި ސާފު ބޯފެން ފޯރުކޮށްދިނުން ފަދަ ކަންކަން ހިމެނެއެވެ.

ޚިދުމަތް ޖަމިއްޔާ އިން ވަނީ މިކަން ކުރުމަށް ދިވެހި ރައްޔިތުންގެ ފަރާތުން ލިބޭ ދީލަތި އެހީތެރިކަމަށްޓަކައި، ދިވެހީންނަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.