ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް، ޑރ.މަހްމޫދު އައްބާސްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލަނީ އަޅުގަނޑުމެންނަކީ ވެސް އިންސާނުންނަށް ވީތީކަމަށް ވިދާޅުވެ ބައިނަލްއަގްވާމީ މުޖުތަމައުއަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ.
އަދި އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ނުރައްކާތެރި ހާލަތު ބަދަލުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ގުޅިގެން މަސައްކަތްކުރުމަށާއި އެފަރާތްތަކުން އެއްބާރުލުން ދެއްވުމަށް ވެސް ގޮވާލައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި، ދެވެން އޮތް ހުރިހާ ގޮތަކުން ދިވެހިރާއްޖެއިން ފަލަސްތީނަށް އެއްބާރުލުން ދެއްވަމުން ގެންދަވާނެކަން ތަކުރާރު ކުރައްވާފައިވެއެވެ.
އަދި އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ޙައްޤުތައް ކަށަވަރު ވެގެންދިއުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމި އޮންނާނެކަމުގެ ކަށަވަރުކަން ދެއްވާފައެވެ.
ފަލަސްތީނުގެ ރައީސް، މަހްމޫދު އްއްބާސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުންދީ ކުރައްވާ ތާއީދު ދެނެވަޑައިގަންނަވާކަމުގައި ވިދާޅުވެ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާ ފަލަސްތީނުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރެއްވުމާއި ދެޤައުމުގެ ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

