އަވަށްޓެރި ސްރީލަންކާގެ އާ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ބޮޑުވަޒީރު ޑރ. ހަރީނީގެ ބެލުމުގެ ދަށުން ސްރީލަންކާއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަގީންކުރައްވާކަމަށެވެ.
އަދި އެތައް ގަރުނެއްވެފައިވާ ރާއްޖެއާއި ލަންކާ ގުޅުން އިތުރު ބަދަހިކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.
ސްރީލަންކާގެ އާ ބޮޑުވަޒީރު ޑރ. ހަރިނީ އަކީ އެގައުމުގެ 16 ވަނަ ބޮޑު ވަޒީރެވެ.
ހަރިނީ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެ ވަޑައިގަންނަވާފައި ވަނީ 2020ވަނަ އަހަރުއެވެ.
މީގެ އިތުރުން އެކަމަނާ އަކީ ޔުނިވަރސިޓީ އޮފް އެޑިންބްރާއިން ސޯޝަލް އެންތުރޮޕޮލޮޖީގެ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ޑރ. ހަރިނީ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެ ވަޑައިގަންނަވާ ތިންވަނަ އަންހެން ބޭފުޅާއެވެ.

