ފަލަސްތީނަށް އދގެ ފުރިހަމަ މެމްބަރުކަން ދިނުމަށާއި، ޣައްޒާއަށް ހަމަލާތައް ދެމުންދާ އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އދ ގައި ގޮވައިލައްވައިފިއެވެ.

ޔޫއެންގެ ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގެ  79 ވަނަ އާންމު ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް ގައުމަކުން އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ އެ ގައުމެއްގެ ބޮޑުމިނަށް ނުވަތަ މުއްސަނދިކަމެއްގެ ސަބަބުން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ޣައްޒާގެ ހާލަތު ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި ސިފަކުރައްވައި، ބައިނަލްއަގްވާމީ ނިޒާމު ފެއިލްވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީީސް ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުވެ ޒަޚަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ވެސް ހިމެނޭ ކަމަށެވެ.

އަދި ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި އިންސާނީ އުމްރާނީ ވަސީލަތްތައް ހަލާކުވަމުންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

އަދި ޣައްޒާގައި އާންމުން މަރުވާ މައްސަލަތައް ހައްލު ކުރުމަށް މުޅި ދުނިޔެއަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު، މިހާރު ޔަހޫދީން ލުބްނާނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެތަނުގައި އެތައް ސަތޭކަ އާންމުންގެ ފުރާނަ ގެއްލިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ފަލަސްތީނާއި، ލުބްނާނާއި އަލްޖަޒީރާގެ ނޫޫސްވެރިން ވެސް އިޒްރޭލުން މަރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޒްރޭލުން ނޫސްވެރިން މަރަމުންދަނީ، އެމީހުން ހިންގަމުންދާ ޖަރީމާތައް ފޮރުވުމަށް ކަމަށެވެ.

އަދި ޓެރަރިޒަމްގެ އަމަލުތައް ހިންގުމާއި، ބައިނަލްއަގްވާމީ ގާނޫނާއި އދގެ ގަރާރުތަކާ ހިލާފުވަމުންދާތީ، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.

ފަލަސްތީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ކަނޑައަޅައި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާދަތީ އަދި މިނިވަން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ގޮވާލައްވާ ގޮވާލެއްވުން، ރައީސް ތަކުރާރުކުރެއްވިއެވެ.